މ.މުލަކުގެ ކަރަންޓްގެ ޙާލަތު ދެނެގަތުމަށް މ.މުލަކު ފެނަކަ ބުރާންޗުގެ އިސްމުވައްޒަފުންނާއި ބައްދަލުކޮށް މަސްވަރާކުރައްވައިފި.

މ.މުލަކުގެ ކަރަންޓްގެ ޙާލަތު ދެނެގަތުމަށް 10 މެއި 2022 ގައި ފެނަކަ ކޯޕަރޭޝަން މ.މުލަކު ބުރާންޗުގެ އިސްމުވައްޒަފުންނާއި ބައްދަލުކޮށް މަސްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރަށުގެ ބައެއްސަރަހައްދުތަކުން އެކި ދުވަސްތަކުގައި ކަރަންޓް ކަނޑަމުންދިއުމުގެ ސަބަބުން އާއްމުރައްޔިތުންނާއި އޮފީސްތަކުގެ އިލެކްޓްރޯނިކްސާމާނާއި މަސައްކަތްތެރިންނަށް ގެއްލުންވަމުންދާކަމުގެ ސަކުވާތައް އާއްމުރައްޔިތުންގެ ފަރާތުން ލިބެމުންދާތީވެ، އެކަން މ.މުލަކު ފެނަކަ ބުރާންޗުގެ އިސްމުވައްޒަފުންނާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމައި ރަށުގެ ކަރަންޓްގެ ޙާލަތު މ.މުލަކު ފެނަކަ ބުރާންޗުގެ އިސްމުވައްޒަފުން ކައުންސިލަށް ހިއްސާކޮށްދެއްވިއެވެ. އެގޮތުން، ރައްޔަތުންނާއި ރަށުގައި ހުރި މުއައްސަސާތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަމަށާއި، މިވަގުތު ބޭނުންކުރަމުންދާ ޖަނަރޭޓަރ ސެޓްތަކުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ފޯރުކޮށްނުދެވޭކަމަށާއި، ޖަނަރޭޓަރ ސެޓްއެއްގެ އަޑީތެޔޮ ބަދަލުކުރުމާއި މަރާމާތެއްފަދަ ކަމެއް ކުރަންޖެހޭ ފަދަ ޙާލަތްތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހޭކަމަށް މަޢުލޫމަތުދެއްވިއެވެ.

މި ބައްދަލުވުމުގައި ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ދެފަރާތްގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުންވެސް މަސްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސްގެ އިތުން ކައުންސިލް މެންބަރުން ބައިވެރިވެލެއްވިއެވެ.