މެސެޖެއް ފޮނުވާ

އަޅުގަނޑުމެންނަކީ މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

މުލަކަތޮޅު މުލަކު ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 22 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ކައުންސިލެކެވެ.

ވިޝަން

ރައްޔަތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ހަމަހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޒިންމާދާރު ކުރެވިފައިވާ މުވައްޒަފުންތިބި ކައުންސިލަކަށް ވުން.

މިޝަން

މުލަކަކީ އަމާންކަން ޤާއިމްވެފައިވާ، އިސްލާމްދީނާއި، ރިވެތި އަޚުލާޤު ދަމަހައްޓާ ޢިޖްތިމާޢީ ފޭރާންހެޔޮ، ހަމަހަމަކަމާއިއެކު ޚިދުމަތް ދިނުމުގައި ސާބިތުވެތިބި، ސަރުކާރާއި ރަށުގެ ރައްޔިތުންނާއި ދެމެދު އޮންނަންވާ ގުޅުން ބަދަހިކޮށް، އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި އަދި ޓެކްނޮލޮޖީގޮތުން ރާއްޖެއަށް އަންނަ ބަދަލްތަކާއި އަރާހަމަކޮށް، ދިވެހި ޤައުމިއްޔަތާއި ސަޤާފަތް ދަމަހައްޓާ ޤާނޫނަށް ކިޔަމަންތެރިވާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުން

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

މުލަކު ކައުންސިލަކީ، އިންތިޚާބުކޮށްފައިވާ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކިސިއްކައެއް އޮންނަ ޤާނޫނީ ޝަޙްޞެކެވެ.

1. ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށްވެހިކަމުގެ ޙިދުމަތްތަށް ދިނުން.
2. ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.
3. ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިއާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫއުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތީން ތަންފީޒުކުރުން.
4. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރިވެ، މިނިސްޓްރީތަކުންނާއި، އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
5. މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.
6. މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
7. ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތަށް ބެލެހެއްޓުން.
8. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިގްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
9. އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.
10. އިގްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
11. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކިއެކި ކަންކަމަށް ފަންޑު އުފެއްދުން.
12. ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
13. ކައުންސިލުން ދޭ ޙިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޙިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
14. މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.
15. ކައުންސިލްގެ ބެލުމުގެ ދަށުން ޙިދުމަތް ދެވޭ ތަންތަންތަނާއި ކައުންސިލް އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
16. ރަށުގެ މަގުތަކާއި ޕާކުތަކާއި އަދި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
17. ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
18. ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
19. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންކުރުން.
20. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
21. ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
22. ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޙިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙްޤީގު ކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
23. ރަށު ކައުންސިލްގެ އިދާރާ ހިންގުން.
24. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.

މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ ހިންގަމުން އަންނަނީ މ.މުލަކު މެރިންޑްރައިވް މަގުގައި ހުންނަ މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާގެ އިމާރާތުގައެވެ. އިދާރާ ހުޅުވިފައި ހުންނަނީ ހެނދުނު 8:00 ން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. ތަކެތި ބަލައިގަންނަ ގަޑިއަކީ، ހެނދުނު 8:30ން ފެށިގެން މެންދުރު 14:00 އަށެވެ.

މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ ހިންގަމުންދަނީ ކައުންސިލްގެ ލަފާގެ މަތިންނެވެ. ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުން ބަލަހައްޓަވަނީ ކައުންސިލުގެ ރައީސްގެ ލަފާގެމަތިން ސެކްރެޓެރީ ޖެނެރަލްއެވެ. އަދި ކައުންސިލްގެ އިދާރާއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ މަތިން ސެކްރެޓެރީ ޖެނެރަލްއެވެ. މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ ހިންގަމުންދަނީ 2 އޮފީސް ޔުނިޓުކަމަށްވާ ކޯޕަރޭޓް އެފައާޒް ޔުނިޓު އަދި އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓެވެ.

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޒަރިއްޔާއިން، މި އިދާރާގެ އިންފޮމޭޝަން އޮފިސަރަށެވެ. މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް މި އިދާރާއަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

މިއިދާރާގެ އިންފޮމޭޝަން އޮފިސަރަކީ:

ނަން: ޙުސައިން ޝަރީފް

މަޤާމު: ސީނިއަރ ކައުންސިލް އޮފިސަރ

މޯބައިލް: 7845088

ފޯން: 6723715

އީމެއިލް: info@mulah.gov.mv