ޤާނޫން ނަންބަރ 2010/7 ( އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލާއި މެދު މި ކައުންސިލުން ދެކޭގޮތް ހާމަކޮށް ނެރޭ ނޫސްބަޔާން -

ޤާނޫން ނަންބަރ 2010/7  ( އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 2025 ޖުލައި 28ގައި ހުށަހަޅައި، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރަމުންދާ ބިލް ނަމްބަރު 2025/20/ބ-18 ބިލަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަށް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުއްޓުމުގެ ފުރުސަތު އޮތް ބިލެކެވެ. މި ބިލްގެ ސަބަބުން  އަހަރުތަކެއްކުރިން މުޅިދިވެހިރާއްޖެގެ ވަސީލަތްތަކާއި ރައްޔަތުންގެ ހައްޤުތަކާއި ތަރައްޤީގެ ކަންކަން މަރުކަޒީ އުސޫލުން މަދުބައެއްގެ މެދުގައި އެއްވެސް ހާމަކަމެއްނެތި، ޖަވާބު ދާރީވުމެއް، މަސްވަރާކުރުމައެއްނެތި މިމަނުންދިޔަ ސަޤާފަތްތަކަށް އެނބުރި ރުޖޫއަވުމުގެ ވާނޭކަމަށް މިކައުންސިލުން ދެކެމެވެ.

  މިބިލް ފާސްކޮށް ތަސްދީގު ކޮށްފިނަމަ ނަތީޖާއަކަށް ވާނީ:

1. 10  މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް މެނުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން މަސައްކަތް ކުރުމަށް ހުރަސް އެޅުމުން ކައުންސިލްތަކުގެ ކުންފުނިތަކުން ސިޓީތަކާ، އަތޮޅުތަކާއި ރަށްތަކުގައި ރައްޔިތުންގެ ރައުސުލްމާލު އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓިގެންދިއުން. ކައުންސިލްތަކުގެ މާލީ ހާލަތު އޮތްގޮތުން ލޯކަލް އޮތޯރިޓީ ކުންފުނި ތަކުން ކުރާ މަސައްކަތްތައް 10 މިލިއަނަށްވުރެ ބޮޑުވުމަކީ ނާދިރު ކަމެއް.

2.  ސަރުކާރުން ރައްޔިތުންގެ ބިންތައް ބޭނުން ކުރުމުގައި ކުލި ނުނެގޭ ގޮތަށް އޮތުމުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރަސް އެޅި، ރައްޔިތުންގެ ބިންތައް އެސަރަހައްދެއްގެ ރަށްވެހިންގެ ބައިވެރިވުމާ ނުލައި ސަރުކާރުން ބޭނުން ފަރާތްތަކަށް ދިނުމަށް މަގުފަހިވުން.

3. 365  ދުވަސް ކުރިން ކައުންސިލަށް މުވައްޒަފުން ނެގުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުން ހުއްޓޭ ގޮތަށް އޮތުމުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒު ކުރުމަށް ހުރަސް އެޅުން.

 

މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެބައިމީހުން ދިރިއުޅޭ މާހައުލުން ކައިރިން ހިދުމަތް ފޯރުކޮށްދިނުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި އެމީހުން ބައިވެރިކުރުމަށްޓަކައި ލިބިފައިވާ ވަރަށް މުހިންމު ފުރުސަތެކެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ލާމަރުކަޒީ ނިޒާމުގެ ހަށިގަނޑުން ރޫހު ނައްތާލާ، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް އަތުވެދާނެ ބިލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކުގެ ސަބަބުން، ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ހަލުވިވެފައެވެ. ރަށު ތަރައްޤީގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އެމީހުންގެ ބޭނުންތަކާއި އެދުންތަކަށް ބިނާކޮށް މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މިސާލަކަށް، ބިން ދޫކުރުން، ފެނާއި ނަރުދަމާގެ ހިދުމަތްތައް، ކުނި މެނޭޖުކުރުން، މަގުހެދުން، އަދި ސޯޝަލް ސެންޓަރުތައް ހިންގުން ފަދަ އެތައް ހިދުމަތެއް ވަނީ ކައުންސިލްތަކުގެ ބާރުގެ ދަށަށް ގެނެވިފައެވެ. މީގެ ސަބަބުން، ސަރުކާރުގެ މަރުކަޒީ މުއައްސަސާތަކަށް ދާންނުޖެހި، ރައްޔިތުންނަށް އެމީހުންގެ ރަށްރަށުން ނުވަތަ އަތޮޅުތަކުން މި ހިދުމަތްތައް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ މިހާރު ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މިނިވަންކަން ހަނިކޮށްލާނެ ބިލެއް ކަމަށް ބެލެވެއެވެ. ވަކިވަކި މާއްދާތަކަށް ބަލާއިރު، ކައުންސިލްތަކުން މިހާރު ދެމުންދާ ގިނަ ހިދުމަތްތަކެއް ސަރުކާރުގެ މަރުކަޒީ މުއައްސަސާތަކުގެ ބާރުގެ ދަށަށް ބަދަލުކޮށްފިނަމަ، އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބުރޫއެރުންތަކެއް ކުރިމަތިވެދާނެއެވެ.

ފުރަތަމަ ކަމަކަށް، ނިންމުންތައް ނިންމުމުގެ ބާރު ކައުންސިލްތަކުން ބަދަލުވެ، މަރުކަޒީ ބައެއް އިދާރާތަކަށް ދިއުމުން، މަސައްކަތްތައް ދިގުދެމި، ދުވަސްތަކެއް ނަގާނެއެވެ. މިހާރު ކައުންސިލުން އެންމެ އަވަހަށް ނިންމާލެވޭ ކަންކަންވެސް، މަރުކަޒީ އޮފީހެއްގެ ތެރެއިން ގިނަ އިދާރީ މަރުހަލާތަކެއް ފަހަނަޅައިފައި ނޫނީ ނުނިމޭނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަގުތަށް ބޭނުންވާ ހިދުމަތްތައް ލިބުން ލަސްވެ، ހިތްހަމަ ނުޖެހުން އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދެވަނަ ކަމަކަށް، ކައުންސިލްތަކުގެ އާމްދަނީ ހޯދުމުގެ ބާރު ނުވަތަ އެ އާމްދަނީ ބޭނުންކުރުމުގެ ބާރަށް މި ބިލުން ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ކައުންސިލްތަކަކީ އެ ރަށެއްގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަސައްކަތްތައް ކުރުމަށްޓަކައި މާލީ މިނިވަންކަމެއް ބޭނުންވާ ބައެކެވެ. މި މިނިވަންކަން ގެއްލިއްޖެނަމަ، ކައުންސިލްތަކަށް އެމީހުންގެ ރަށްރަށުގެ ތަރައްޤީއަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ދަތިތަކާ ކުރިމަތިވާނެއެވެ. އާންމުކޮށް ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ދަތިވެ، ބަޖެޓްގެ ދަތިކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބިލް ފާސްވެއްޖެނަމަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ރޫހު ކަމުގައިވާ، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެގެންދާނެއެވެ. ކައުންސިލްތައް ބާރުކޮށް، އެބައިމީހުންގެ ހަވާލުގައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި، މިބިލުން ލާމަރުކަޒީ ނިޒާމު އަނބުރާ މަރުކަޒީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މިއިދާރާގެ ފަރާތުން މި ބިލް އަނބުރާ ގެންދިޔުމަށް  ގޮވާލަނީ މި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. އެ ބިލް ފާސްވެއްޖެނަމަ ކައުންސިލްތަކުގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުކޮށް، އެންމެ ފަހުން އޭގެ ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ދެކެއެވެ.

އެހެންކަމުން، މި ބިލާ މެދު އަލުން ވިސްނާ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރާނެ ގޮތަކަށް ގާނޫނަށް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހުއްޓުމެއް ނެތި، އަވަހަށް އަދި ފަސޭހައިން ލިބޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ އިސްކަމެއް ކަމުގައި ވާންޖެހެއެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދު ހާސިލްކުރުމަށްޓަކައި، ކައުންސިލްތަކަށް ފުރިހަމަ ބާރާއި މިނިވަންކަން ލިބިދޭންޖެހެއެވެ.

އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކޮށްގެން ކެމްޕެއިން ކުރުން ހުއްޓުވުމުގެ ގޮތުން ބައެއް ގައުމުތަކުގެ އިންތިހާބާ ގާތްކޮށް ނުފޫޒު ފޯރުވުންވުން ހުއްޓުވުމަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރުމުގައި ހިފެހެއްޓުންތަކެއް ގެނެއެވެ. މި ހިފެހެއްޓުންތައް ރާއްޖޭގެ ނިޒާމަށް ގެންނާން މަސައްކަތް މިކުރަނީ ދިގުމުއްދަތަކަށް، ހަމަ އެކެނި ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާ ގޮތަށްކަން މިއިދާރާއިން ފާހަނގަ ކުރަމެވެ. 

މިބިލު ފަރުމާކޮށްފައިވާ ގޮތުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕްލޭންތައް ތަންފީޒުކުރުމާއި، ރައްޔިތުންގެ ބޭނުންތަކަށް ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުން ކުރުމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ދައުލަތުގެ ފައިސާ ބޭނުން ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެ، އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާނެވެ. 

އެހެންކަމުން، މި ބިލާ މެދު އަލުން ވިސްނާ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރާނެ ގޮތަކަށް ގާނޫނަށް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހުއްޓުމެއް ނެތި، އަވަހަށް އަދި ފަސޭހައިން ލިބޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ އިސްކަމެއް ކަމުގައި ވާންޖެހެއެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދު ހާސިލްކުރުމަށްޓަކައި، ކައުންސިލްތަކަށް ފުރިހަމަ ބާރާއި މިނިވަންކަން ލިބިދޭންޖެހެއެވެ.


ފަހުގެ ނޫސްބަޔާން