މި މުބާރާތަކީ، ކީރިތި ޤުރްއާނަށް އަހުލުވެރި ރައްޔިތެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި މ. މުލަކުގެ ރައްޔަތުންނަށް އަމާޒުކުރެވިގެން އަހަރަކު އެއްފަހަރު ކައުންސިލުން އިންތިޒާމުކުރެވިގެން ބާއްވަމުންދާ މުބާރާތެކެވެ.
މި މުބާރާތަކީ، މިކައުންސިލާއި މުލަކު ސްކޫލް ގުޅިގެން މުލަކު ސްކޫލްގެ އިސްލާމިކް ނޫރުގެ އެހީތެރިކަމާއެކު ކައުންސިލުން ޚަރަދުކޮށްގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދީލަތި އެހީތެރިކަމާއި، ސްޕޮންސަރުންގެ އެހީތެރިކަން ލިބިގެން ކުރިޔަށް ގެންދެވިފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 120 ބައިވެރިއަކު ވާދަކުރަށްވާފައިވެއެވެ. މި މުބާރާތުގައި ފަނޑިޔާރުކަންކޮށްދެއްވާފައިވަނީ މިދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރަށްވާފައިވާ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސުންނެވެ.މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ 2025 އޯގަސްޓް 22 އިން 23ގެ ނިޔަލަށެވެ.
ދެގޮފި އެއްކޮށް މި މުބާރާތުގެ ފަޚްރުވެރި އެއްވަނަ ހޯދާފައިވަނީ، މ. މުލަކު އިރުދޭމާގެ ރައްޔާނު މުޙައްމަދު ލަޠީފެވެ. ދެވަނަ، މ. މުލަކު ފަޅޯމާގޭ އަޒާ ބިންތު ޝާމިލު ހޯދާފައިވާއިރު ތިންވަނަ ހޯދާފައިވަނީ، މ. މުލަކު ކީރަންމާގެ އާމިނަތު ޢަލާ ބިންތި އިސްމާޢީލް އަޙުމަދެވެ.